ޚާލިދު އަލް އަމޭރީ މެދުވެރިކޮށް ރާއްޖެ އިސްތިހާރުކުރަނީ

ފޮޓޯ: އެމްއެމްޕީއާރްސީ

ޚާލިދު އަލް އަމޭރީ މެދުވެރިކޮށް ރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފަށައިފިއެވެ.

 

އެ ކުންފުނިން ވިދާޅުވީ މެދު އިރުމަތީގެ މަޝްހޫރު ޔޫޓިޔުބަރ ޚާލިދު އަލް އަމޭރީ މެދުވެރިކޮށް ރާއްޖެ އިސްތިހާރުކުރުމުގެ ގޮތުން ރާއްޖޭގައި ރަމަޟާން މަހުގެ ދުވަސްތައް ކުރިއަށްދާ ގޮތް އޭނާގެ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތައް މެދުވެރިކޮށް ދައްކާލާނެ ކަމަށެވެ.

 

"މިއީ މެދުއިރުމަތިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން ބޮޑު އޯޑިއަންސަކަށް ރާއްޖޭގެ ރީތިކަމާއި މުއްސަނދި ސަގާފީ ތަރިކަ ދައްކާލުމަށް ކުރިއަށްގެންދާ ހާއްސަ ހަރަކާތެއް."

 

ރާއްޖެ އިސްތިހާރުކުރުމުގެ ގޮތުން ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތުތަކެއް ޚާލިދަށް ދީފައިވާ ކަމަށާއި މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހާ ހަމައަށް އޭނާ ރާއްޖޭގައި ހުންނާނެ ކަމަށް ވެސް ވިދާޅުވެއެވެ.

 

އޭނާގެ މިދަތުރުގައި އޭނާގެ ސޯޝަލް މީޑިޔާ މެދުވެރިކޮށް ކޮންމެ ދުވަހަކު ޕޯސްޓްތައްކުރުމަށް ނިންމާފައިވާއިރު، ރަމަޟާން މަހު ރާއްޖޭގައި އޭނާކުރާ ތަޖުރިބާތަކާއި ގޮނޑުދޮށުގައި ރޯދަވީއްލުންފަދަ ސަގާފީ އާދަކާދަތަކާއި މެދުއިރުމަތީގެ ފަތުރުވެރިންނަށް ހާއްސަ ލަގްޒަރީ ތަންތަން ދައްކުވައިދޭނެކަމަށް ވެސް ވިދާޅުވިއެވެ.

 

ޚާލިދު އަލް އަމޭރީގެ އެކިއެކި ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގައި ޖުމްލަ 21 މިލިޔަނަށްވުރެ ގިނަ ފޮލޯވަރުން ތިބެއެވެ. އޭނާ ބޮޑަށް ފާހަގަކޮށްލެވެނީ އިސްލާމީ އާދަކާދަތަކާއި މުޖުތަމައުގެ އަސާސްތައް ފުޅާކުރުމަށް މަސައްކަތްކުރާ މީހެއްގެ ގޮތުގައެވެ.

 

އެމްއެމްޕީއާރުސީ އަކީ "މޯލްޑިވްސް" ބްރޭންޑާއި "މޯލްޑިވްސް - ދަ ސަނީ ސައިޑް އޮފް ލައިފް" ޝިއާރުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިސްތިހާރުކުރުމަށް އުފައްދާފައިވާ ދައުލަތް ހިއްސާވާ ކުންފުންޏެކެވެ.

 


ކޮމެންޓް