ޅ. ކުރެންދޫ ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަށް އެ ރަށު ޕޮލިސް ސްޓޭޝަނުން ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތުގައި، ރަށުގެ އެކި ސަރަައްދުތަކަށް ފުލުހުން ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި ސްކޭމް ސެންޓަރުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މީގެއިތުރުން ސްކޭމްގެ މައްސަލަތަކުން ރައްޔިތުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަން ވެސް ކިޔައިދީފައިވެއެވެ. އަދި ރަށުގެ ފިހާރަތަކަށް ޒިޔާރަތްކޮށް ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ވެސް ވަނީ ދީފައެވެ.
ހަމަމިއާއެކު ވައްކަމާއި ފޭރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި އެފަދަ އެއްވެސް މައްސަލައެއް ހިނގައިފިނަމަ ވީއެންމެ އަވަހަކަށް ފުލުހުންނަށް ރިޕޯޓުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.