އިންސާނުން ދުނިޔޭގައި އުޅުމަށް މާތް ﷲ ޚިޔާރުކުރައްވައިފައިވާ މަގަކީ އިސްލާމް ދީންކަމުގައި ވީ ހިނދު، އެކަލާނގެ ޙަޟުރަތުން މީސްތަކުންނާ ހަމައަށް މި ދީން އައިސްފައިވަނީ، ކީރިތި ރަސޫލާ محمّد ﷺ މެދުވެރިކުރައްވައިކަމަށާއި ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް އެކަލޭގެފާނު ނަމޫނާއެއްކަމުގައި ބަލައިގަންނަން ޖެހޭކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ހުކުރު ޚުތުބާގެ މިއަދުގެ މައުޟޫއުއަކީ "އިސްލާމީ ޝަރީޢަތުގައި ސުންނަތުގެ މަޤާމު" އެވެ.
ޚުތުބާގައި ބުނެފައިވަނީ އިސްލާމް ދީން އެކުލެވިގެންވަނީ މައިގަނޑު ދެ މަސްދަރެއްކަމުގައިވާ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ﷺގެ އަގުމާތްވި ސުންނަތުގެ މައްޗަށްކަމަށެވެ.
އަދި މާތް ﷲ އަށް ކިޔަމަންވުމަށް ކުރައްވައިފައިވާ އަމުރުފުޅާ ވިދިގެން ރަސޫލާ ﷺއަށް ކިޔަމަންވުމަށް، ކީރިތި ޤުރްއާނުގައި އެކަލާނގެވަނީ އަމުރުކުރައްވައިފައިވާކަމަށާއި އެކަލާނގެއަށް އުރެދުމެކޭ އެއްފަދައިން ރަސޫލާ ﷺއަށް ކިޔަމަންނުވުމުން މުއުމިނުން ކުރާ ހެޔޮ ޢަމަލުތައް ބާޠިލުވާނޭކަން އަންގަވައިފާވާކަމަށްވެސް ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.
މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައިވަނީ:
"ހަމަކަށަވަރުން، ﷲގެ رسولއާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) ﷲގެ ދަރުމައާއި، آخرةގެ ثوابއަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާކަމުގައިވާ މީހަކަށެވެ."
ހުކުރު ޚުތުބާގައި ބުނެފައިވަނީ އިސްލާމީ ޝަރީޢަތުގެ ފުރަތަމަ މަޞްދަރުކަމުގައި ކީރިތި ޤުރްއާން ވީފަދައިން، ރަސޫލު ﷲ ﷺގެ ސުންނަތަކީ އެޝަރީޢަތުގެ ދެވަނަ މަޞްދަރުކަން ކަށަވަރުކަމަށެވެ. އެހެންކަމުން، ކީރިތި ޤުރްއާން ޤަބޫލުކުރިއަސް ރަސޫލާ ﷺގެ ސުންނަތް ޤަބޫލުނުކުރާ ނަމަ، އެއްވެސް މީހެއްގެ ދީން ފުރިހަމައެއް ނުވާނެކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މީގެއިތުރުން ސުންނަތް ދޫކޮށްލައި ހަމައެކަނި ޤުރްއާން ޤަބޫލުކުރާނެ ބަޔަކު ފަހު ޒަމާނުގައި އަންނާނޭކަމުގެ ޚަބަރު ރަސޫލާ ﷺ ވަނީ އުއްމަތަށް ދެއްވައިފައިވާކަމަށާއި އަދި މިފަދަ މީހުންނާ މެދު ރައްކާތެރިވެ ތިބުމަށް ވެސް އެކަލޭގެފާނުވަނީ އިރުޝާދުދެއްވައިފައިވާކަމަށް ވެސް ޚުތުބާގައިވެއެވެ.
ޚުތުބާގައި ބުނެފައިވަނީ ކީރިތި ރަސޫލާ ﷺގެ ސުންނަތަކީ އެކަލޭގެފާނަށް ބާވައިލެއްވުނު ދީނުގެ ބައެއްކަމުގައިވާތީ، އެ ދީން ކީރިތި ﷲ ވަނީ ޤިޔާމަތާ ހަމައަށް ދާންދެން ރައްކާތެރިކުރައްވާނޭކަމަށް ވަޢުދުވެވޮޑިގެންފައިވާކަމަށެވެ.
"އެ ދީން ކީރިތި ﷲ ވަނީ ޤިޔާމަތާ ހަމައަށް ދާންދެން ރައްކާތެރިކުރައްވާނޭކަމަށް ވަޢުދުވެވޮޑިގެންފައެވެ. އެކަލޭގެފާނުގެ ސުންނަތް އަހަރެމެންނާ ހަމައަށް އައިސްފައިވަނީ، ޤުރްއާން ވެސް އަހަރެމެންނާ ހަމައަށް އައިސްފައިވާ ރޮނގުންނެވެ. އެހެންކަމުން ޤުރްއާނާ ސުންނަތް ރައްކާތެރިކުރެވިގެން މެނުވީ ދީން ރައްކާތެރިއެއް ނުކުރެވޭނެއެވެ. އަދި ފުރިހަމައެއް ވެސް ނުވާނެއެވެ." ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.