މޭވާ އާއި ތަރުކާރީ އަތްފޯރާފަށަށް އަގުހެޔޮކޮށްދެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އާންމު ދުޅަހެޔޮކަމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ސަރުކާރުން އަޅުއްވާނޭ ފިޔަވަޅުތަކާމެދު އާންމު ރައްޔިތަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވަނީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ގާއިމުކުރުމަށްޓަކައި ފައްޓަވާފައިވާ މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
އެގޮތުން ރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި އުފެއްދުމުގެ އަމާޒެއް ކަނޑައަޅުއްވާފައިވާނޭކަމަށް ވިދާޅުވިއެވެ. އަދި އެ އަމާޒަށް ވާސިލުވުމުގެ ތެރެއިން ބޭރުން ރާއްޖެއަށް ގެންނަ މޭވާ އާއި ތަރުކާރީ ރާއްޖޭގައި އުފެއްދޭނޭ ކަމަށާއި އެއާއެކު އެތަކެތީގެ އަގުހެޔޮވެގެންދާނޭކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖެއަށް މިފަދަ ތަކެތި އިމްޕޯޓްކުރާ މައި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ފާހަގަކޮށްފައިވާ ކަަމަށް ވެސް ވިދާޅުވިއެވެ. އަދި އެ ބާވަތްތައް ހެޔޮ އަގެއްގައި ލިބޭނޭ އިންތިޒާމު ހަމަޖެއްސުން ފަދަ ފިޔަވަޅުތައް މެދުވެރިކޮށް ވެސް، މޭވާ އާއި ތަރުކާރީގެ އަގުހެޔޮ ކުރެވިދާނޭކަން ފާހަގަކުރެއްވިއެވެ.