ސްޓޫޑެންޓް ލޯނުގެ އެޑްމިނިސްޓްރޭޓިވް ފީ އުނިކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނު ތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ބައެއް ކަންކަން ތަންފީޒު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ދަންނަވާފައިވާ ކަމުގައެވެ.
މިގޮތުން ތަންފީޒު ކުރެއްވުމަށް ނިންމެވިކަންކަމުގެ ތެރޭގައި ރާއްޖެއާ ރާއްޖޭން ބޭރުން ތައުލީމާ ތަމްރީނު ހޯދުމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ދޫކުރާ ލޯނު ޝަރީޢާ ކޮމްޕްލަޔަންޓް ލޯނެއްގެ ގޮތުގައި ހަމަޖެއްސުމުގެ ގޮތުން ލޯނާއެކު ހިމެނިފައިވާ އެޑްމިނިސްޓްރޭޓިވް ފީ ގެ ގޮތުގައި ނަގަމުންދާ އެއް ޕަސެންޓު އަދަދު އެއްކޮށް އުނިކުރުމަށާއި ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖު ނުކުރުން ހިމެނެއެވެ.
މީގެއިތުރުން ކުރިން ލޯނު ނަގައިފައިވާ ފަރާތްތަކުން ދައްކަން ހުންނަ ފައިސާއިން ވެސް، އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް އެދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖަސްޓްކުރުން ވެސް ހިމަނާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.