ބޭންކަށް ޑޮލަރު މާރުކުރުމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ: ރައީސް

ބޭންކަށް ޑޮލަރު މާރުކުރުމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިވަޑައިގަންނަވާކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

"ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މިކަމުގެ ނަތީޖާއަކަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވަމުންދާ ވަރަކަށް އެދާއިރާއިން ލިބޭ އާމްދަނީ ކުރިއަށްވުރެ އިތުރުވުންކަން ފާހަގަކުރައްވާފައެވެ. އަދި އޭގެ މަންފާ ރައްޔިތުންނަށް ކުރުންކަމުގައި ވިދާޅުވިއެވެ.

 

މިގޮތުން ރާއްޖޭން ބޭރަށް ފުރާ ދިވެހީންނަށް މިހާރު ބޭންކު ރޭޓުގައި ދޫކުރާ 500 ޑޮލަރުގެ ބަދަލުގައި އެއަދަދު 1000 ޑޮލަރަށްވުރެ އިތުރުކުރުމާއި، ކްރެޑިޓް ކާޑުގެ ލިމިޓް ދެގުނައަށް ބޮޑުކޮށްދެއްވުމާއި، ޓީ.ޓީ ހެދުމަށް އިތުރަށް ފުރުސަތު ފުޅާވެގެންދާނެކަމުގައި ފާހަގަކުރެއްވިއެވެ. އަދި ބޭންކަށް ޑޮލަރު މާރުކުރުމަށް ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅަށް ކުރެއްވުނުކަމެއް ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.

 

މީގެއިތުރުން މިކަމުގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވައި، މިކަމަކީ އެންމެހާ ރައްޔިތުންނަށް ފައިދާވާނެ، ކުރިއެރުން ލިބޭނެ ކަމެއްކަމުގައި ވެސް ވިދާޅުވިއެވެ. އަދި ކުރިއަށްއޮތްތާނގައި ޑޮލަރުގެ އަގު ތިރިވަމުންދާނެކަމަށާއި ޑޮލަރުގެ ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތައް ޑޮލަރުގަތުން މަދުކުރެވޭނެކަމުގައި ވެސް ވިދާޅުވިއެވެ.

 

ރައީސް ޑރ. މުޢިއްޒު ވަނީ ޑޮލަރު މާރުކުރުމަށް އޮތް ގާނޫނާ އެއްގޮތަށް ގިނަ ފަރާތްތައް މަސައްކަތް ކުރަމުންދާކަމުގައި އުފަލާއެކު ފާހަގަކުރައްވާފައެވެ. މިގޮތުން މިހާރު އޮތް ޑޮލަރު މާރުކުރުމާ ގުޅޭ ގާނޫނުގެ ދަށުން، ބޭންކުތަކަށް ޑޮލަރު މާރުކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 95 އިންސައްތަ ފަރާތުން ޑޮލަރު މާރުކުރަމުންދާކަމުގައި ވިދާޅުވިއެވެ.

 

އެމަނިކުފާނު ވިދާޅުވީ ބާކީ ފަހެއް އިންސައްތަ ވެސް މީގެތެރެއަށް ވެއްދުމަށް މަސައްކަތް ކުރައްވާކަމުގައެވެ.

 


  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް