ކީރިތި ޤުރްއާނާބެހޭ ހާއްސަ ވަޤުފް އިމާރާތެއް އަޅަނީ

ކީރިތި ޤުރްއާނާބެހޭ ހާއްސަ ވަޤުފް އިމާރާތެއް އެޅުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރައްވައިފިއެވެ.

 

އެމަނިކުފާނު މިކަން އިއުލާން ކުރެއްވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

 

ރައީސް ވަނީ މި ސަރުކާރުގެ ސިޔާސަތަކީ އަދި ވިސްނުމާ އަޒުމަކީ މައިންބަފައިންނާ މުދައްރިސުން ގުޅިގެން ކުރާ މަސައްކަތުން ގިނަ ކުދިންތަކެއް ޙާފިޡުންނަށް ހެދުންކަން ހާމަކުރައްވާފައެވެ. އަދި އެންމެހާ ރައްޔިތުން ގުޅިގެން ގިނަ ޙާފިޡުން މި ޤައުމުގައި އުފެއްދުމަށް މަސައްކަތްކުރުމަށް ވަނީ ގޮވާލައްވާފައެވެ.

 

މީގެއިތުރުން ކީރިތި ޤުރްއާން އުނގަންނައިދެއްވުމަށް ބާރުއެޅުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައިވާއިރު، ކީރިތި ޤުރްއާނާބެހޭ ހާއްސަ ވަޤުފް އިމާރާތެއް އެޅުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ވަނީ ހާމަކުރައްވާފައެވެ.

 

އެގޮތުން މި ފަހުދިހައެއްގައި ވެސް އެކަމަށް މަސައްކަތްކުރައްވައި، މިހާރު މާލެއިން އެ އިމާރާތް އެޅުމަށް ބިމެއް ކަނޑައަޅުއްވާފައިވާކަމަށް ވިދާޅުވިއެވެ. އަދި މި ފަހުދިހައެއްގެ ބަންދަށްފަހު ސަރުކާރު ހުޅުވޭއިރު، އެކަމާބެހޭ ސިޓީ، އިސްލާމިކް މިނިސްޓްރީއަށް ފޮނުއްވާނެކަމުގައި ވެސް ވިދާޅުވިއެވެ. މި ވަގުފު އިމާރާތް އެޅުމުން ލިބޭނެ ފައިދާތަކަށް ބައްލަވާލައްވާ ވިދާޅުވީ މި އިމާރާތް އެޅުމުން އެކުރެވިގެންދަނީ ވަރަށް މުހިންމު ހޭދައެއްކަމަށެވެ. ފިކުރީ، އަދި ހުރިހާ މާނައެއްގައި ވެސް މުހިންމު އިންވެސްޓްމަންޓަކަށް މިކަން ވާނެކަމުގައި ފާހަގަކުރެއްވިއެވެ.

 

މީގެއިތުރުން ވެސް މިރޮނގުން ކުރައްވަމުންގެންދަވާ މަސައްކަތްތައް އެމަނިކުފާނު މި ރަސްމިއްޔާތުގައި ފާހަގަކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ ޙާފިޡަކަށްވުމަށް އެފަރާތްތަކުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވައި މަރުހަބާ ދަންނަވާފައެވެ.

 


  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް