'ވިލިތަރި ޤުރުއާން' މުބާރާތް ނިންމައި ވަނަ ވަނައަށް ހޮވުނު ބައިވެރިންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއީ ވިލިމާލެ ޕޮލިހުން އިންތިޒާމްކޮށްގެން މި ރަމަޟާން މަހު ވިލިމާލޭގައި ބޭއްވި މުބާރާތެކެވެ. މިމަހުގެ 21 ވަނަ ދުވަހުގެރޭ ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢުއެވެ.
މި ރަސްމިއްޔާތުގައި މާލެ ޕޮލިސް ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.
ސީޕީ ޢަލީ ސުޖާޢު ދެއްކެވި ވާހަކައިގާ ވިލިމާލޭގައި ދިރިއުޅެމުންދާ ކުދިންނަށް އަމާޒުކޮށްގެން އެކުދިން ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް ކުދިންގެ ޝައުގުވެރިކަން އިތުރު ކުރުމަށްޓަކައި މަސައްކަތްތަކެއް ފުލުހުން ކުރިއަށް ގެންދާކަމީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަން ފާހަގަކުރެއްވިއެވެ. އަދި މިމުބާރާތް ކޮންމެ އަހަރަކު ވެސް ބޭއްވޭ މުބާރާތަކަށް ވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ފުލުހުން ގާއިމްވެފައިވާ ހުރިހާ ރަށެއްގައި ހިންގާ މިފަދަ މުބާރާތްތަކަށް ފުލުހުންގެ އެހީތެރިކަން ދީފައިވާކަން ފާހަގަކުރައްވައި، ހާއްސަކޮށް ކުދިންގެ މެދުގައި އެކި ހުނަރުތައް ކުރިއެރުވުމަށްޓަކައި ފުލުހުންގެ އާންމު މަސައްކަތުގެ އިތުރުން ލިބޭ ވަގުތުތަކުގައި މިފަދަ ކަންކަން ކުރަމުންދާކަމަށް ވިދާޅުވިއެވެ.
ހަމަމިއާއެކު ފުލުހުން ހިދުމަތްދޭ ހުރިހާ ރަށެއްގައި މުޖުތަމައުއާ ގުޅިގެން ހިންގާ ހަރަކާތްތަކާއި ފުލުހުންގެ ކުރިއެރުމަށް ހިންގޭ ހަރަކާތްތައް ދުރާލައި ރޭވި ކަލަންޑަރ ކުރެވިފައިވާ ކަމަށާއި ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުންގެ ހަރަކާތެއް ކުރިއަށްދާނަމަ ނުވަތަ މިފަދަ ހަރަކާތްތައް ކުރިއަށްދާނަމަ އެކަން ބަލާލެވޭނެ އިންތިޒާމް ގާއިމްކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވަނީ ކޮންމެ އުމުރު ފުރާއިން ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލާ ކިޔެވުމުގެ ގޮފިން ވަނަތަކަށް ހޮވުނު ކުދިންނަށް ހަނދާނީ ލިޔުމާއި ފައިސާގެ އިނާމު އަދި މުޅި މުބާރާތުން ދެ ގޮފިން ވަނަތަކަށް ހޮވުނު ކުދިންނަށް ހަނދާނީ ފިލަޔާއި ފައިސާގެ އިނާމު ހަވާލުކޮށްފައެވެ. އަދި މުބާރާތުގައި ފަޑިޔާރުކަން ކޮށްދެއްވި ފަރާތްތަކަށާއި މުބާރާތަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކަށް ވެސް ހަނދާނީ ލިޔުން ވަނީ ދީފައެވެ.
ވިލިމާލެ ޕޮލިހުން އިންތިޒާމުކޮށްގެން މި މަހު 18 އިން 19 އަށް ބޭއްވި މި މުބާރާތުގައި 95 ކުދިން ބައިވެރިވެއެވެ. އެއީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ އުމުރު ފުރާގެ 24 ކުދިންނާއި ހަ އަހަރާއި ނުވަ އަހަރާ ދެމެދުގެ އުމުރުފުރާގެ 36 ކުދިންނާއި 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާގެ 24 ކުދިންނާއި 14 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާގެ 11 ކުދިންނެވެ.