ރާއްޖޭގެ ރައްޔިތުންނަށް ރައްކާތެރި ބޯފެން ލިބޭނެކަން ކަށަވަރުކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ ހިއްސާކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ މުޅި ރާއްޖެއަށް ސާފު ފެން ލިބުން ކަށަވަރުކުރުމަށް އިސްކަންދިނުމާއެކު ދެމެހެއްޓެނިވި މުސްތަގްބަލެއް ބިނާކުރުމަށް މާނަހުރިގޮތެއްގައި ފިޔަވަޅުތަކެއް އެޅުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ.
އެ ޕޯސްޓުގައި ވަނީ ދުނިޔޭގެ ފެނުގެ ދުވަހުގެ ތަހުނިޔާ އެންމެހައި ދިވެހި ރައްޔިތުންނާއި ބައިނަލްއަގްވާމީ ފަރާތްތަކަށް ވެސް ފޮނުވާފައެވެ.
މިއަހަރުގެ ފެނުގެ ދުވަހުގެ ޝިއާރުކަމުގައިވާ "ގްލޭސިއާ ޕްރިވެންޝަން" އަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ މިއީ މޫސުމަށް އަންނަ ބަދަލުތަކުން އިންސާނުންނަށް ކުރާ އަސަރުތައް ދެނެގަތުމަށްޓަކައި މުހިންމު ޝިއާރެއްކަމަށެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ވަކާލާތުކުރުމުގައި ރާއްޖެއިން ދެމިތިބޭނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
1993 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 22 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދުނިޔޭގެ ފެނުގެ ދުވަހުގެ ގޮތުގައެވެ.
ގްލޭސިއާ ނުވަތަ އުސްފަރުބަދަތައް މަތީގައާއި ދުނިޔޭގެ އުތުރާއި ދެކުނު ތަނޑީގައި ހުންނަ ގަނޑުފެން ވިރެމުންދާ މައްސަލައަކީ ތިމާވެށީގެ ދާއިރާއިން ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ކަންބޮޑުވުމެކެވެ.