ހަބަރު

ހާއްސަ އަޅާލުމާ ލޯބި ބޭނުންވާ ކޮންމެ ކުއްޖަކާއި އާއިލާ އަށް ސަރުކާރުން ހޭހަން ކޮށްދޭނެ

ފޮޓޯ: ރައީސް އޮފީސް

މުޖުތަމައުގެ ހާއްސަ އަޅައިލުމާ ލޯބި ބޭނުންވާ ހަމަ ކޮންމެ ކުއްޖަކާއި އާއިލާއަކަށް ހޭހަންކޮށްދިނުމުގައި ވެސް ސަރުކާރާއި ރައްޔިތުން މަސައްކަތްކުރާނީ އަތުގުޅާލައިގެންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާއި ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

 

އެ ޕޯސްޓުގައި ރައީސް ވަނީ އޯގާތެރިކަމާއި އެހީތެރިކަމުގައި ދިވެހީންނަކީ ލާމަސީލު ނަމޫނާއެއްކަން ވެސް ފާހަގަކުރައްވާފައެވެ.

 

ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހަށް މިއަހަރު ކަނޑައަޅާފައިވަނީ "އިމްޕްރޫވް އަވަރ ސަޕޯޓް ސިސްޓަމް" މި ޝިޔާރެވެ. މިޝިޔާރުން ބާރުއަޅަނީ ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށް ހައްގުވާ އެކަށީގެންވާ ފަރުވާއާއި ތައުލީމާއި ފުރުސަތުތައް ލިބޭނެ ގޮތް ހެދުމަށް ވަށައިޖެހޭ ސަޕޯޓް ސިސްޓަމްތައް ހަރުދަނާކުރުމުގެ މުހިންމުކަމަށެވެ.

 

ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަސް ފާހަގަކުރަނީ އުފަންވުމުގައި ހުންނަ އުނިކަމެއްކަމުގައިވާ ޑައުންސިންޑްރޯމް ބައްޔާމެދު މީހުން ހޭލުންތެރިކުރުމުގެ މަގްސަދުގައެވެ.

 

ޑައުންސިންޑްރޯމަކީ އުފެދުމުގައި ހުންނަ އައިބެކެވެ. ޑައުންސިންޑްރޯމް ޖެހުމަށް މެދުވެރިވަނީ ކްރޮމޮޒޯމަށް ދިމަވާ އުނިކަމެއްގެ ސަބަބުންނެވެ.

 

އުފެދުމުގައި އުނިކަން ހުންނަ ކުދިން ފަހަކަށް އައިސް އިތުރުވަމުންދާއިރު، އޭގެތެރެއިން ވެސް ޑައުންސިންޑްރޯމް ކުދިންގެ ނިސްބަތް އިތުރުވަމުންދާކަން ތަފާސްހިސަބުތަކުން ދައްކައެވެ.

 


  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް