ހަބަރު

ރައީސް ޑރ. މުއިއްޒު ތިލަފުއްޓަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތިލަފުއްޓަށް ޒިޔާރަތްކުރައްވައި، ގްރޭޓަރ މާލެ އެންވަޔަރަންމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވައިފިއެވެ.

 

މާރޗު 20 ވީ ބުރާސްފަތި ދުވަހު ކުރެއްވި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއެކު ކުރެއްވި ޒިޔާރަތުގައި ފާހަގަކޮށްލެވޭ ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ މަސައްކަތްތައް ވެސް ބައްލަވާލެއްވިއެވެ.

 

އެގޮތުން ގެނެވިފައިވާ ބަދަލުތަކަށް ބަލާއިރު، ހުއްޓިފައި އޮތް ކުނި ބޭލިން ތައްޔާރުކުރުމުގެ މަސައްކަތް އަލުން ފަށައި، ދުވާލެއްގެ މައްޗަށް މިހާރު 76 ބޭލްގެ ކުނި އުފައްދައެވެ. އަދި ޖާގައިގެ ބޭނުން، އޭގެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި، 991 ކުނި ބޭލް ވަނީ އެހެން ސަރަހައްދަކަށް ބަދަލުކުރެވިފައެވެ. ރިސޯޓްތަކުން އުފައްދާ ކުނި ޖަމާ ކުރާ ސަރަހައްދަށް އުޅަނދުފަހަރު ހުސްކޮށް، އަނބުރާ ފޮނުވާލަން ހޭދަވާ ވަގުތު، 1 ދުވަހުން 1 ގަޑިއިރަށް ކުޑަކޮށް، ލޭންޑިންގް ކްރާފްޓް އޯފްލޯޑްކުރާ ސަރަޙައްދުގެ ކްލިއަރަންސްއަށް ހޭދަވާ ވަގުތު، 3 ދުވަހުން، 5 ގަޑިއިރަށް ވަނީ ކުޑަކުރެވިފައެވެ.

 

މީގެއިތުރުން އެޑްވާންސް ސަވައިލަންސް ސިސްޓަމްތަކާއެކު ފެސިލިޓީގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ. އަދި ކުނިން ހަކަތަ އުފައްދާ ޕްލާންޓަށް ވަދެވޭ މަގުތައް ސާފުކުރުމަށް 6500 ޓަނުގެ ކުނި، ލޭންޑްފިލް ކަވަރގެ ގޮތުގައި އަލުން ވަނީ ބޭނުންކޮށްފައެވެ. އަދި ކުރިއަށް އޮތް ދެ އަހަރަށް ކުނި މެނޭޖް ކުރުމަށް 5000 އަކަމީޓަރުގެ އައު ވޭސްޓް ސެލްއެއްވެސް ވަނީ ތަރައްގީކޮށްފައެވެ.

 

މި މަޝްރޫއުތަކުގެ މަގްސަދަކީ ރާއްޖޭގެ ކުނި މެނޭޖްކުރުމަށާއި ތިމާވެށީގެ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައި، މޫސުމީ ކުއްލި ނުރައްކަލުގެ ހިރާސް ކުޑަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި، ދެމެހެއްޓެނިވި، ހަރުދަނާ ގޮތެއްގައި ސާބިތުވުމެވެ.

 

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި ޖަޕާން ފަންޑް ފޮރ ޕަވަޓީ ރިޑަކްޝަން (ޖޭ.އެފް.ޕީ.އާރު) ގެ އެހީގައި ދިވެހި ސަރުކާރުން ވެސް ހަރަދު ކުރައްވައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި އަމާޒު ކުރެވިފައިވަނީ، މާލެ ސަރަހައްދާއި، އަދިވެސް އިތުރު ރަށްރަށުން ކުނި ނެގުމާއި، ކުނި އުފުލައި ނައްތާލުން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށެވެ.

 

 

އެގޮތުން ތިލަފުށީ ވޭސްޓް ރިސެޕްޝަން ފެސިލިޓީއަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި، އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތައް އެޅުމާއި، ޑިމޮލިޝަން ވޭސްޓް ޕްރޮސެސިން ޕްލާންޓަކާއި ކުނީގެ ގޮތުގައި ބައު އުޅަނދުފަހަރު ނައްތާލުމަށް ހާއްސަ ޕްލާންޓެއް ތަރައްގީކުރުން ހިމެނެއެވެ. އަދި އެއް ރަށުން އަނެއް ރަށަށް ކުނި އުފުލުމަށް އައު އުޅަނދެއް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.

 

މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ވޭސްޓް ޓު އެނަރޖީ (ޑަބްލިއު.ޓީ.އީ) ޓެކްނޮލޮޖީ ނުވަތަ ކުނިން ހަކަތަ އުފެއްދުމުގެ ފަންނިއްޔާތު ތައާރަފުކޮށް، އެ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް އުފެދޭ 774 ޓަނުގެ ކުނީގެ މައްސަލައަށް ހައްލު ހޯދުން ހިމެނެއެވެ.

 

މި މަޝްރޫއުގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ޓްރީޓްމަންޓާއި ރީސައިކަލް ކުރުމާއި ކުނި ނައްތާލުމުގެ އިންފްރާސްޓްރަކްޗަރ ރަނގަޅުކޮށް، ތިލަފުށީގެ ޒަމާންވީ ޑަމްޕްސައިޓް ނުވަތަ ކުނި ޖަމާކުރާ ސަރަހައްދުގެ ތަޣައްޔަރުކަން ކުޑަކުރުމެވެ.

 

 

 


  • ތިލަފުށި
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް