ރިޕޯޓް

ހަފްތާގެ މޭވާ - ޕެއާސް

ޕެއާސްއަކީ ރާއްޖޭގައި މިހާރު ވަރަށް ފަސޭހައިން ލިބެންހުރި މޭވާއެކެވެ. މި މޭވާގެ ގިނަ ވައްތަރުތަކެއް ރާއްޖޭގެ މާރުކޭޓުތަކުން ފެންނަން ހުރެއެވެ.

ޕެއާސްގައި ހިމެނޭ ފައިދާހުރި މާއްދާތަކުގެ ސަބަބުން، މިއީ ސިއްހީގޮތުން ވަރަށް މުހިންމު މޭވާއެކެވެ.

ޕެއާސްގައި ގިނަ އަދަދަކަށް ވިޓަމިންތަކާއި، އެންޓިއޮކްސިޑަންޓްސް އަދި މިނަރަލްތައް އެކުލެވިގެންވެއެވެ. މި މާއްދާތަކުގެ ސަބަބުން ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ލިބެއެވެ. ހާއްސަކޮށް ފާހަގަކޮށްލެވެނީ ޕެއާސްގައި ފެޓްސް އަދި ކޮލެސްޓްރޯލް ނުހުންނަކަމެވެ.

މިކަމުގެ ސަބަބުން، ޕެއާސްއަކީ ލުއި ކެއުމަކަށް ބޭނުންކުރެވޭ އެންމެ ރަނގަޅު މޭވާތަކުގެ ތެރެއިން އެއް މޭވާއެވެ.

ޕެއާސް ކެއުމުން ލިބޭ ސިއްހީ ފައިދާތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުވުން، ބަނޑު ފުރިހަމަވާކަމުގެ އިހްސާސް ލިބި، ކެއުމުގެ މިންވަރު މަދުވުން ހިމެނެއެވެ. އަދި ހިތުގެ ބަލިތަކުން ރައްކާތެރިވުން، ގޮހޮރުގެ އުނދަގޫތަކަށް ހައްލު ލިބުން ވެސް ހިމެނެއެވެ.

މީގެއިތުރުން ހަށިގަނޑުގައި އެކުލެވޭ ވިހަތައް ބޭރުކުރުމާއި ހަށިގަނޑުގެ ސެލްތަކުގެ ރައްކާތެރިކަން ދެމެހެއްޓުން ވެސް ހިމެނެއެވެ.

ޕެއާސްގައި ފައިބަރ އަދި ފެން ގިނައިން އެކުލެވިފައިވާތީ، މިއީ ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް އެންމެ އެކަށޭނަ މޭވާތަކުގެ ތެރެއިން އެއް މޭވާއެވެ. ހާއްސަކޮށް ލުއި ކެއުމެއް ނުވަތަ ޑައިޓެއް ގެންގުޅޭ ފަރާތްތަކަށް ޕެއާސްއަކީ އެންމެ ރަނގަޅު ހިޔާރެކެވެ.

އެހެންކަމުން ޕެއާސްއަކީ ސިއްހީގޮތުން ވަރަށް ފައިދާހުރި މޭވާއަކަށް ވާއިރު، ދުވާލަކު އެއް ޕެއާސް ކެއުމަކީ ސިއްހަތަށް ނުހަނު ފައިދާހުރި ކަމެކެވެ.


ކޮމެންޓް